''ޕްރެސަރ ވިތް ދަ ސްޕޯކްސް'' ސީރީޒްގެ ދަށުން ބާއްވާ ސިލްސިލާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން، ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް މިއަދު ބާއްވައިފިއެވެ. މި ނޫސްކޮންފަރެންސް އޮތީ މިއަދު މެންދުރު ޓެލެވިޜަން މޯލްޑިވްސްގައެވެ.
މިއީ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އަދި ނޫސްވެރިން ބޭނުންވާ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދެއްވުމަށާއި، ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ގާތްގަޑަކަށް 55 މިނެޓަށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ފޯރަމެކެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވައި ތަރުޖަމާނު ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ ތެރެއިން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން ނޫސްވެރިން މަސައްކަތް ކުރަމުންދާ ޚަބަރުތަކަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
"ތިބޭފުޅުން ފައިލް ކުރަމުންދާ ސްޓޯރީތަކަށް ސަރުކާރުގެ ރައުޔެއް، ނުވަތަ މައުލޫމާތެއްވިޔަސް ނުވަތަ ސްޓެޓިސްޓިކެއްވިޔަސް ނޫނިއްޔާ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުންވިޔަސް އަޅުގަނޑު މިއުންމީދުކުރަނީ ތިބޭފުޅުންގެ މަސައްކަތަށް މި ބައްދަލުވުން ވެގެންދާނީ ފަސޭހައަކަށޭ،". ތަރުޖަމާނު ވިދާޅުވި އެވެ.
މިއަދުގެ ސެޝަންގައި އެމަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، މޭ މަހުގެ 3 އިން 6 އަށް އެ ޤައުމަށް ކުރެއްވުމަށް ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް އެމަނިކުފާނު ވަނީ ޖަވާބުދެއްވާފައެވެ.
މިއަދުގެ ސެޝަންގައި ސަރުކާރުން މައުލޫމާތު ހިއްސާކުރުމަށް، ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން ގެ އިންސަޓަގްރާމް އަދި ޓިކްޓޮކް ގެ ރަސްމީ އެކައުންޓްވެސް ވަނީ އާއްމުކޮށްފައެވެ. މި އެކައުންޓްގެ ނަމަކީ "ދަ ފީޑް އެމްވީ'' އެވެ.




