ކޮންމެ ގައުމެއްގައިވެސް ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރެވެ. ރާއްޖޭގައިވެސް ނޫސްވެރިކަމުގެ މިނިވަންކަން ފުޅާވެ، މައުލޫމާތު ފެތުރުމުގެ ދާއިރާ މިވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ.
ނަމަވެސް، މި ކުރިއެރުމާއެކު ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކަށް އަންނަ ބަދަލުތަކަކީ މިއަދު ގައުމީ ފެންވަރުގައި ބަހުސްކުރަންޖެހިފައިވާ މުހިންމު މައުލޫއެކެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ފަހަކަށް އައިސް ފެންނަމުންދަނީ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި ބައެއް މީޑިއާތަކުން މީހުންގެ އަބުރަށް އަރައިގަންނަ މަންޒަރެވެ.
މިއީ ހަމައެކަނި ސިޔާސީ މީހުންނަށް އަމާޒުވާ ކަމެއް ނޫނެވެ. މީގެ ސަބަބުން މުޅި މުޖުތަމައުގެ ހަމަޖެހުމާއި، އާއިލާތަކުގެ ކަރާމާތަށްވެސް ދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. ތެދު މައުލޫމާތު ފެތުރުމުގެ ބަދަލުގައި، މީހުން ބަދުނާމުކުރުމަށް އިސްކަންދިނުމަކީ ނޫސްވެރިކަމުގެ އަސްލު ގެއްލިގެންދާ ކަމެކެވެ.
މިފަދަ ހާލަތެއްގައި، މީޑިއާގެ މިނިވަންކަމާއި މީހުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު އޮންނަންޖެހޭ ހަމަހަމަކަން ގެއްލިގެންދިއުމަކީ ނުރައްކާތެރި ކަމެކެވެ. ސިޔާސީ ވާދަވެރިކަމުގައި ހަތިޔާރެއްގެ ގޮތުގައި މީޑިއާ ބޭނުންކުރުމަކީ ނޫސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެހެންކަމުން، މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށްޓަކައި ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމުގެ މުހިންމުކަން މިއަދު ވަނީ އިތުރުވެފައެވެ.

'އަދަދު' ނޫހުގެ އަމަލުތަކުން ތިލަވި މައްސަލަ
މި ބަހުސް އަލުން އާވެ، ސަމާލުކަމަށް އައީ 'އަދަދު' ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް "އައިޝާ" ގެ ނަމުގައި އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެންނެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާއަށް އަމާޒުކޮށް، އޭނާގެ އަމިއްލަ ދިރިއުޅުމާއި އާއިލީ ކަންކަމާ ގުޅުވައިގެން އުފައްދާފައިވާ ވަރަށް ސީރިއަސް ތުހުމަތުތަކެއް ހިމެނޭ އުފެއްދުމެކެވެ.
ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމެންޓްރީގައި ކުރާ ހުރިހާ ތުހުމަތުތަކެއް ސީދާކޮށް ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. މިއީ މީޑިއާއަކުން ކުރާ ކޮންމެ ކަމަކީ 'މިނިވަންކަން' ކަމަށް ބަލައި ހަނު ތިބުމުގެ ބަދަލުގައި، ޒިންމާދާރުކުރުވުމަށް އެޅުނު ފިޔަވަޅެކެވެ.
މި މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި ކޮމްޕިއުޓަރުތަކާއި ސްޓޯރޭޖް ޑިވައިސްތައް އެ ވަނީ ގެންގޮސްފަ އެވެ. ފުލުހުން ބުނެފައި ވަނީ ގަޒްފުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށެވެ. މީގެ އިތުރުން، ނޫހުގެ އިސްވެރިންގެ ޕާސްޕޯޓް ވެސް މިހާރު ވަނީހިފަހައްޓައިފަ އެވެ.
މި ހާދިސާއަކީ ދިވެހި މީޑިއާގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު މައްސަލައަކަށް ވެފައިވަނީ، މީޑިއާގެ މިނިވަންކަމުގެ އިމަކީ ކޮބައިކަމާމެދު ސުވާލު އުފެދިފައިވާތީއެވެ. ބައެއް ފަރާތްތަކުން މިއީ ސަރުކާރުން ނޫސްވެރިކަމަށް ނުފޫޒު ފޯރުވުން ކަމަށް ބުނާއިރު، އަނެއް ބަޔަކު ދެކެނީ މިއީ އަބުރު ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.

ނޫސްވެރިކަމުގައި އޮތް އަބުރު ކަތިލުމުގެ ސަގާފަތް
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ފަހަކަށް އައިސް ފެންނަމުންދަނީ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި ބައެއް މީޑިއާތަކުން މީހުންގެ އަބުރަށް އަރައިގަންނަ މަންޒަރެވެ. މިއީ ހަމައެކަނި ސިޔާސީ މީހުންނަށް އަމާޒުވާ ކަމެއް ނޫން ނަމަވެސް، މީގެ ސަބަބުން މުޅި މުޖުތަމައުގެ ހަމަޖެހުމަށް ނޭދެވޭ އަސަރު ކުރެއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މި މައްސަލައިގައި ވަނީ ވަރަށް ހަރުކަށި ބަހުން ވާހަކަދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވީ، "ސީރިއަސް ތުހުމަތުތައް ހަދަހަދައިގެން ފެތުރުމަކީ ނޫސްވެރިކަމެއް ނޫން" ކަމަށެވެ. މިއީ ނޫސްވެރިކަމުގެ ނަމުގައި ހިންގާ ޖިނާއީ އަމަލެއް ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.
އަދި ގާނޫނަށްވުރެ މަތީގައި އެކަކުވެސް ނެތް ކަމަށާއި، ގަޒްފުގެ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރުގެ މި ވާހަކަފުޅަކީ ދައުލަތުގެ ފަރާތުން އަބުރާ ބެހޭ ފަރާތްތަކަށް ދިން ވަރުގަދަ މެސެޖެކެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ ނޫސްވެރިން ޒިންމާދާރުވުމަށް ބާރުއަޅުއްވާފައެވެ. ޒިންމާދާރު ނޫސްވެރިކަމުގައި ޑިމޮކްރަސީގެ އަސާސްތަކަށް އިހުތިރާމްކޮށް، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ. މައުލޫމާތު ކަށަވަރު ނުކޮށް ދޮގު ފެތުރުމަކީ މުޖުތަމައުގައި ފިތުނަ އުފެދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާލަތަށް ބަލާއިރު، ދިވެހި މީޑިއާގެ އިތުބާރު އަލުން ހޯދޭނީ، ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ، ޒިންމާދާރުކަމާއެކު ތެދު މައުލޫމާތު ފެތުރުމަށް އިސްކަންދީގެންނެވެ. ސިޔާސީ ކުޅިވަރެއްގެ ގޮތުގައި މީޑިއާ ބޭނުންކޮށް، މީހުންގެ އަބުރު ކަތިލުމަކީ ދިވެހި މީޑިއާގެ އިތުބާރު ގެއްލި، މުޅި ނިޒާމު ފަސާދަވެގެންދާނެ ކަމެކެވެ.
'އަދަދު' ނޫހުގެ މައްސަލައަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ޒިންމާދާރުކަން މިނެކިރާލުމަށް ހަގީގަތުގައި ވެސް މުހިންމު އިމްތިހާނެކެވެ.




