ސައޫދީ އަރަބިއްޔާގެ މަގުބޫލު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް އަލް ހަކީމް މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝައިހަށް މަރުހަބާ ވިދާޅުވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއެވެ.
"ދަ ޓްރެވަލާ" ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ދަތުރުފުޅުގައި ރާއްޖޭގެ ފަސް ސިޓީއެއްގައި ދީނީ ދަރުސްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޝައިހްގެ ދަރުސްތައް ބޭއްވުމަށް ތާވަލުކޮށްފައިވާ ތާރީހުތަކަކީ: އެޕްރީލް 28 ގައި ކުޅުދުއްފުށީގައި، އެޕްރީލް 29 ގައި މާލޭގައި، އެޕްރީލް 30 ގައި އައްޑޫ ސިޓީގައި، މެއި 1 ގައި ފުވައްމުލަކުގައި އަދި މެއި 2 ވަނަ ދުވަހު ތިނަދޫ ސިޓީގައެވެ.
މި ދަރުސްތަކުގެ ތެރެއިން އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ހުޅުވާލެވޭނެއެވެ. މީގެ ކުރިންވެސް މުފްތީ މެންކާއި ޑރ. ޒާކިރު ނައިކް ފަދަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ރާއްޖެ ވަޑައިގެން އެކި ސަރަހައްދުތަކުގައި ދަރުސްތައް ދެއްވާފައިވެއެވެ.




