ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 3.3 ބިލިއަން ރުފިޔާ ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ދަރަނިތައް ދެއްކުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށެވެ. އެގޮތުން މި ހިނގާ މަހުގެ ތެރޭގައި އެކަނިވެސް 500 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ރާއްޖޭގެ އެކި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ބޭސް ފޯރުކޮށްދޭ ކުންފުނިތަކާއި ފާމަސީތަކަށް ދޭންޖެހޭ ފައިސާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ހަފުތާގެ ތެރޭގައިވެސް އަމިއްލަ ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން އިތުރު 260 މިލިއަން ރުފިޔާ ދޫކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ކުރީގެ ދަރަނިތަކުން ރައްޔިތުން ސަލާމަތްކޮށްދިނުން ކަމަށެވެ.



