މާލޭގައި އިޖުތިމާޢީ ބޯހިޔާވަހިކަމުގެ 500 ޔުނިޓު ބިނާކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ޗައިނާގެ ބެއިޖިންގގައި ބޭއްވުނު "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް" ގެ ތެރެއިން ކުރެވުނު މަޝްވަރާތަކަށްފަހު އެކުލަވާލެވުނު "މިނިޓްސް އޮފް ދަ މީޓިންގ" އެކެވެ.
މި މަހުގެ 21 އިން 22 އަށް ކުރިއަށްދިޔަ މި ކޮންފަރެންސްގެ ހަވާސާގައި، މާލޭގައި ޗައިނާގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މި ހައުސިންގ މަޝްރޫޢާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. މި ބައްދަލުވުންތަކުގައި އެއްބަސްވެވުނު ކަންކަން ރަސްމީކޮށް ކަނޑައަޅައި، ދެ ފަރާތުން ވަނީ އެކަމުގެ ލިޔެކިޔުންތަކުގައި ސޮއިކޮށްފައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢަށް ބޭނުންވާ ފައިސާ ޗައިނާއިން ހަމަޖައްސައިދެނީ އެއްވެސް އިންޓްރެސްޓެއް ނުހިމެނޭ ހިލޭ އެހީގެ ގޮތުގައެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠޮއާމް މުޙައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ލިޔު ޖުންފެންގއެވެ.
މީގެ އިތުރުން، ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ވަކި ބައްދަލުވުމެއް ބާއްވާފައިވާކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ބައްދަލުވުމުގައި، ހިނގަމުންދާ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ދެ ޤައުމުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަނީ އާކޮށްފައެވެ.




