މި އިންތިހާބުގައި ވާދަކުރައްވަނީ ކުރިން އެ ގޮނޑި ފުރުއްވި މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހުމަދު ސައީދެވެ. ސައީދަކީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލައްވައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޭފުޅެކެވެ.
ވެރިކަން ކުރާ ޕާޓީގެ ޓިކެޓް ކަށަވަރުކުރުމަށް ބާއްވާ މި ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފަށާފައިވާއިރު، ޖުމްލަ ދެ ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ހިތަދޫ ސްކޫލުގައި ބެހެއްޓި ފޮއްޓާއި، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށް ކަލާފާނު ސްކޫލުގައި ބެހެއްޓި ފޮއްޓެވެ.
ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، މި އިންތިހާބުގެ އެންމެހާ ކަންކަން ބަލަހައްޓަމުންދަނީ ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީންނެވެ. މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު 727 މީހަކަށް ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހަށެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ، ސާބިތު ދަރަނީގެ މައްސަލައެއްގައި މުހައްމަދު ސިނާނުގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.




