ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ނަމަ، ލަސްނުކޮށް ނެޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ނަމްބަރު 1677 އަށް ގުޅައި އެހީތެރިކަން ހޯދުމަށް ހެލްތު މިނިސްޓްރީން އެދެފި އެވެ.
ހެލްތު މިނިސްޓްރީން މިފަދައިން ގޮވާލެއްވީ، މުޖުތަމަޢުގައި ފަހަކަށް އައިސް ނަފްސާނީ ގޮތުން އަސަރުކުރުވާ ފަދަ ހާދިސާތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ ކަމަށް ބުނެފައެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާއި، ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ސިއްހަތާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި މަސައްކަތް ކުރާނެ ކަމަށާއި، އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ގޮވާލެއްވިއެވެ.
ސިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާ ކުރާ މަޢުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ހަޤީގަތާއި ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ނުފެތުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރެއްވުމަށްވެސް ގޮވާލެއްވިއެވެ.




