ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ ޓްރެފިކަށް ވަގުތީގޮތުން ބަދަލުތަކެއް ގެނެސްފިއެވެ.
އެމްއޭސީއެލްއިން ބުނީ، ވީއައިއޭގައި ޓާމިނަލް 2ގެ ކަފިހި ހުރަހުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދަންވަރު 00:00 އިން ފަތިހު 5:00އާ ހަމައަށް އެ ސަރަހައްދު ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ޓެކްސީ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރާނީ، ޓާމިނަލް 1ގެ ޑިޕާޗާ ގޭޓް 1 އަދި ގޭޓް 2އަކަށް ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. މި ވަގުތުތަކުގައި ޓާމިނަލް 2ގެ ޓެކްސީ ސްޓޮޕް ބަންދުވާނެއެވެ.
އަދި އެމްޓީސީސީ ބަސްތައް ފަސިންޖަރުން ބޭލުމާއި ނެގުމަށް މަޑުކުރާނީ، ހަމައެކަނި އެއާޕޯޓުގެ ހުޅަނގު ފަރާތުން ސައިކަލް ޕާކިންގެ ބަސް ހުއްޓިއަށް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އެމްއޭސީއެލް އިންޓާނަލް ބަސް ރޫޓު 1ގެ ދަތުރުތައް ނިންމާލާނީ، ޓާމިނަލް 1ގެ ޑިޕާޗާ ގޭޓަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ވޯޓާ ސަޕްލައިއަށް ދަތުރުކުރާ ބަސްތައް ފަށާނީ، ޓާމިނަލް 2ގެ ކުރިމަތީ ބުރު ކައިރިން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ބަދަލާއެކު އެއާޕޯޓުގެ ބަސްތަކުގެ ޝެޑިއުލްއަށް ބަދަލެއް ނާންނާނެ ކަމަށާއި، ބަސް ރޫޓް ބަދަލުވާނީ ހަމައެކަނި ދަންވަރު 00:00 އިން ފަތިހު 5:00 އަށް ކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.





