ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ އުސޫލުތައް ކަނޑައަޅާ ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެ ކޮމިޝަންގެ އިދާރީ އެންމެ އިސްވެރިޔާ އިސްތިއުފާ ދެއްވި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި އިސްތިއުފާ މި އައީ ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް މުއައްސަސާތައް ހިޖުރަކުރުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.
ޕޭ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އާ އޮނިގަނޑަށް ބަދަލުވުމުގައި ދިމާވާ ގޮންޖެހުންތަކާއި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
"އާ ޕޭ ފްރޭމްވޯކަށް ހިޖުރަކުރި މުއައްސަސާތަކުން ފާހަގަކުރެވުނު މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ކޮމިޝަންގެ ބަޔާނުގައިވެއެވެ.
ޑރ. ފައިޒަލް އިސްތިއުފާ ދެއްވިއިރު، ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ހުރިހާ ދާއިރާއެއްގެ މުސާރަ އެއްހަމަކޮށް، އިންސާފުވެރި ނިޒާމެއްގެ ތެރެއިން މުވައްޒަފުންނަށް އުޖޫރަ ކަނޑައެޅުމެވެ. މި މަސައްކަތުގެ ތެރެއިން ދިމާވާ ފަންނީ މައްސަލަތައް ހައްލުކުރުމަށްޓަކައި ކޮމިޝަނުން ދަނީ މުއައްސަސާތަކާ ގާތުން މަސައްކަތް ކުރަމުންނެވެ.





