ކުޑަކުދިންގެ ކާނާ އުފައްދާ މަޝްހޫރު ޖަރުމަނު ބްރޭންޑެއް ކަމަށްވާ "ހިޕް" ގެ އުފެއްދުމަކުން މީދާ މަރާ ވިހަ ފެނުމާ ގުޅިގެން، އެ ބްރޭންޑުގެ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އަންގާފައެވެ.
އޮސްޓްރިއާގެ ބާޒާރުން މިހާރު ހިޕް ބްރޭންޑުގެ މުދާ ނަގަމުންދާއިރު، އެ ގައުމުގެ ފުލުހުން ކުރި ތަހުގީގުން ވަނީ ސާމްޕަލްތަކުން ރޮޑެންޓްސައިޑް ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ. މި މައްސަލައިގެ ތަހުގީގު ޖަރުމަނާއި، ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާގެ ސަލާމަތީ ބާރުތަކުން ވެސް އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި، މިއީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައިވާ ބްރޭންޑެއް ނޫނެވެ.
އެހެންނަމަވެސް، އަމިއްލަ ގޮތުން މި ބާވަތުގެ ކާނާ ރާއްޖެއަށް ގެނެސް ބޭނުންކުރުމުގެ ފުރުސަތު އޮތުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބްރޭންޑުގެ އެއްވެސް މުދަލެއް އެތެރެކުރުމާއި، ވިޔަފާރިކުރުމާއި އަދި ބޭނުންކުރުން ހުއްޓާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ކުންފުނީގެ އަތުން ފައިސާ ހޯދުމަށް ބަޔަކު ގަސްދުގައި ދީފައިވާ ގެއްލުމެއް ކަމަށް ފުލުހުން ޝައްކުކުރެއެވެ. ހިޕް ކުންފުނިން ވެސް ބުނެފައިވަނީ މިއީ އުފެއްދުމުގެ ތެރެއިން ދިމާވި ކަމެއް ނޫން ކަމަށާއި، ބަޔަކު ގަސްދުގައި ކާނާ ތަޣައްޔަރުކުރީ ކަމަށެވެ. މި މައްސަލަ ބަލަމުންދާ ދަނޑިވަޅުގައި، ކުޑަކުދިންނަށް ކާނާ ދިނުމުގައި ބެލެނިވެރިން އިތުރަށް ފަރުވާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.



