ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންގެ އިދާރާއަށް އަމުރުކޮށްފިއެވެ.
ޕީޖީ އޮފީހުން މިކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެމުން ބުނެފައިވަނީ، މި ހަމަލާއަށް ފައިސާ ޚަރަދުކުރި މީހުންނާ ގުޅޭ ތަހުގީގުތައް ވީހާވެސް އަވަހަކަށް ނިންމައި، އެ އޮފީހަށް ފޮނުވުމަށް މި މަހުގެ 8 ވަނަ ދުވަހު އަންގާފައިވާނެ ކަމަށެވެ.
މެއި 6، 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށް މި ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ލިބުނު ބޮޑެތި ޒަޚަމްތަކަށް އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރުން ގިނަ ފަރުވާތަކެއް ހޯއްދަވާފައެވެ.
މި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން އަބްދުﷲ އަލީ މަނިކަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. މި ހަމަލާއާ ގުޅުންހުރި އެހެން މީހުންގެ ޝަރީއަތްތައް ވެސް ވަކިވަކިން ދަނީ ކުރިއަށެވެ.




