ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގައި، ސަރުކާރު ހިންގާ ޕީއެންސީން ތިން ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި ޖުމްލަ ފަސް ދާއިރާއަކަށް މެންބަރުން ހޮވާފައިވާއިރު، އޭގެ ތެރެއިން ތިން ދާއިރާއެއްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކަށަވަރުކޮށްފައެވެ. އެގޮތުން ޕީއެންސީން ކާމިޔާބު ހޯދާފައިވަނީ ހއ. ކެލާ އ.ތ.މ ކޮމިޓީގެ ރައީސްގެ މަޤާމާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށް އ.ތ.މ ކޮމިޓީގެ މެންބަރުކަމުގެ ގޮނޑިއެވެ.
މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ކެލާ އ.ތ.މ ކޮމިޓީގެ ރައީސްކަމަށް ހޮވުނީ ހައްވާ ފަޒްނާއެވެ. ނޭކުރެންދޫ ކޮމިޓީގެ މެންބަރުކަމަށް ފާތިމަތު ރިއުޒާ އިންތިޚާބުވިއިރު، މާވަށު ކޮމިޓީގެ މެންބަރުކަން ކާމިޔާބުކުރީ ފާތިމަތު ޝާފިޔާއެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީ ދަނޑިމަގު ދާއިރާގެ އ.ތ.މ ކޮމިޓީ ގޮނޑި އަމިއްލަ ގޮތުން ވާދަކުރި ޝީޒާ އިބްރާހީމް ކާމިޔާބު ކުރިއިރު، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރި އައިމިނަތު ރަފާޙްއެވެ.




