ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. ރަސްދުއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ރަށަށް ފައިބާވަޑައިގަތުމާއެކު، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރުމައްޗަށް ނުކުމެ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅަކީ ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ރަސްދޫ ހިމެނޭ ދާއިރާއިން ސަރުކާރު ހިންގާ ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ޒިޔާރަތުގެ ތެރެއިން ރަސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ހަރަކާތްތަކުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން އެމްޑީޕީގެ ބާރުގަދަ ކަމަށް ބެލެވުނު ރަސްދޫ އާއި އުކުޅަސް ފަދަ ރަށްތަކުގެ ގޮނޑިތައް މިފަހަރުގެ އިންތިޚާބުގައި ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.




