ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ސަރަޙައްދުގެ ޝަރަފުވެރި 6 ކެޓަގަރީއަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރާ ގޮތުގައި، މި ދާއިރާތަކަށް ރާއްޖެ ނޮމިނޭޓްވުމަކީ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖޭގެ މަޤާމު ވަރުގަދަވެ، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާޢަތުން ހޯދަމުންދާ ކުރިއެރުންތައް ރަމްޒުކޮށްދޭ ކަމެކެވެ.
މި އެވޯޑުތަކަށް ވޯޓު ދިނުމުގެ މުއްދަތު މިހާރު ވަނީ ފެށިފައެވެ. ރާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ލިބޭ މިފަދަ ޝަރަފުވެރި ކާމިޔާބީތަކަކީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރާއި މަޤުބޫލުކަން ދެމެހެއްޓުމަށް ނުހަނު ބޭނުންތެރި ކަންކަން ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
2026 ވަނަ އަހަރުގެ އެވޯޑަށް ރާއްޖެ ވާދަކުރާ ދާއިރާތަކަކީ:
● އިންޑިއަން އޯޝަންސް ލީޑިންގް ޑެސްޓިނޭޝަން
● އިންޑިއަން އޯޝަންސް ލީޑިންގް ބީޗު ޑެސްޓިނޭޝަން
● އިންޑިއަން އޯޝަންސް ލީޑިންގް ޑައިވް ޑެސްޓިނޭޝަން
● އިންޑިއަން އޯޝަންސް ލީޑިންގް ގްރީން ޑެސްޓިނޭޝަން
● އިންޑިއަން އޯޝަންސް ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން 2026
● އިންޑިއަން އޯޝަންސް ލީޑިންގް ޓޫރިސްޓް ބޯޑް 2026
1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގައި ދެވޭ އެންމެ މަތީ ޝަރަފެވެ. މިއީ މި ސިނާޢަތުގެ އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ވަޒަންކުރާ މިންގަނޑެކެވެ.
ފާއިތުވި އަހަރުތަކުގައި ވެސް ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.





