ހަލާކުވެފައި އޮތް ސުނާމީ ބިނާ މައިޒާން އާބާތުރަ ފިލުވުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދިޔަ އެމްޓީސީސީން ބުނެފިއެވެ.
މި ސަރަހައްދު މަރާމާތު ކުރުމުގެ ޒިންމާ އެމްޓީސީސީއާ ހަވާލުކުރެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. މި މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ހުސްކުރުމަށް ފުލުހުން އިރުޝާދު ދީފައިވަނީ ނިމިދިޔަ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ސުނާމީ ބިނާ ސަރަހައްދު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ މާރިޗު މަހުގެ 2 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. އެ ކުންފުނިން ވަނީ އާބަދަލުތަކާއެކު އެ ސަރަހައްދު ދިއްލާލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި އާންމުކޮށްފައެވެ. މި މަރާމާތު ކުރިއަށް ގެންގޮސްފައިވަނީ ބިނާގައި ދަބަރު ޖަހައި، މުޅި މައިޒާން ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށެވެ.
ސުނާމީ ކާރިސާއަށް 21 އަހަރު ފުރުން މިދިޔަ ޑިސެމްބަރު 26 ގައި ފާހަގަކޮށްފައިވާއިރު، މި ބިނާއަކީ އެ ހާދިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ރަމްޒުކޮށްދިނުމަށް ބިނާކުރި ތަނެކެވެ. މި ބިނާ އެންމެ ފުރަތަމަ ބަހައްޓާފައި ހުރީ މާލޭގެ ލޮނުޒިޔާރާތްކޮޅުގައެވެ.





