ޗައިނާގެ ވަސީލަތްތަކަށް ދިމާވެފައިވާ ދަތިކަން ފޫބެއްދުމުގެ ގާބިލުކަން އެބަހުރި ކަމަށް ރަޝިޔާއިން ބުނެފިއެވެ.
އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކުރުވާފައިވާ ހުރަސްތަކާ ގުޅިގެން ޗައިނާއަށް ދިމާވެފައިވާ ހަކަތައިގެ ދަތިކަން ހައްލުކުރުމަށް މޮސްކޯއަށް އެހީތެރިވެވިދާނެ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށްފަހު ބެއިޖިންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ލަވްރޯވް ވިދާޅުވީ، "ޗައިނާއަށާއި، އަދި އަދުލުވެރި އަދި ދެފަރާތަށް ފައިދާހުރި ގޮތެއްގައި އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ގައުމުތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކުގެ ދަތިކަން ފޫބެއްދުމުގެ ގާބިލުކަން ޝައްކެއްނެތް ގޮތުގައި ރަޝިޔާއަށް އެބަހުރި" ކަމަށެވެ.
ލަވްރޯވް ވިދާޅުވި ގޮތުގައި ރަޝިޔާއާއި ޗައިނާގެ ގުޅުން "ކޮންމެ ފަދަ ތޫފާނެއްގައިވެސް ގުޑުމެއްނެތި" ދެމިއޮންނާނެއެވެ. އަދި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އާއި ޝީއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން، ދުނިޔެއަށް އަންނަ ލޮޅުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ސާބިތުކަން އިތުރުވެގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރިޕޯޓްކޮށްފައިވާ ފަދައިން، ޗައިނާއަކީ އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމެވެ. ނަމަވެސް އެމެރިކާއިން ބުނެފައިވަނީ އީރާނަށް ކުރިމަތިކޮށްފައިވާ ހުރަސްތަކުގެ ސަބަބުން ޗައިނާއަށް ދެން އީރާނުގެ ތެޔޮ ނުގަނެވޭނެ ކަމަށެވެ.





