ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވެސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނާޒިމްގެ އިތުރުން، ދިފާއީ ވަޒީރު ޣައްސާން މައުމޫނާއި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އާދަމް ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމުގެ ޚަބަރުތައް ވަނީ ފެންމަތިވެފައެވެ.
މީގެ އިތުރުން، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމާއި، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މަގާމުން ވަކިކުރައްވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކެބިނެޓަށް މި ބަދަލުތައް އައިސްފައި މިވަނީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުތަކުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ ދުވަހު ބޭއްވި ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.
ހަމައެއާއެކު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ވެސް، ގިނަ ރައްޔިތުން ނިންމާފައިވަނީ ސަރުކާރުގެ ވިސްނުމާ ދެކޮޅަށް، ދެ އިންތިޚާބު ވަކިން ބޭއްވުމަށެވެ.




