ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ސަރުކާރުން މި "ނުރައްކާތެރި ކުށްވެރިޔާ" މިނިވަންކުރީ 10 އަހަރުގެ ޖަލު ހުކުމެއް އެންމެ 5 ދުވަހަށް ކުރުކޮށްދިނުމަށްފަހުގައެވެ. މިއަދު މުޅި ގައުމު ސިއްސުވާލި 4 މިލިއަން ރުފިޔާގެ ވައްކަމުގެ މޭސްތިރިއަކީ، ރިޔާސީ މާފުގެ ދަށުން ދޫކޮށްލި ނުރައްކާތެރި މާރާމާރީގެ ކުށްވެރިޔާ އިސްމާއިލް އާސިފެވެ.
10 އަހަރުގެ ހުކުމް ބަދަލުކޮށްދިނީ 5 ދުވަހަށް!
ރ. މަޑުއްވަރީ، ދާރުލް އައްވަލް، އިސްމާއިލް އާސިފްގެ މައްޗަށް 2022 ވަނަ އަހަރު 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި ބޮޑު މާރާމާރީއެއްގައެވެ. އޭނާ ވަނީ މީހެއްގެ ގަޔަށް ވަޅި ޖަހައި، ޒަޚަމްކޮށްލުމަށްފަހު މޫދަށް އެއްލާލާފައެވެ.
މިފަދަ ނުރައްކާތެރި ކުށެއް ސާބިތުވެފައި ހުއްޓާ، 19 ސެޕްޓެމްބަރު 2023 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރެއްވި އެންގުމެއްގެ ދަށުން އާސިފްގެ ހުކުމް ވަނީ ބާތިލްކުރާ ފަދަ ގޮތަކަށް ލުއިކޮށްދީފައެވެ. އޭނާ ތަންފީޒުކުރަން އޮތް 7 އަހަރަށްވުރެ ދިގު މުއްދަތު، "މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ" ދަށުން އެންމެ 5 ދުވަހަށް ކުރުކޮށްލުމަށްފަހު އޭނާ ވަނީ މުޖުތަމައަށް ދޫކޮށްލާފައެވެ.
ބޭބެގެ ހެޔޮކަމަށް ދިން "ލަނޑު"
މިނިވަންވުމަށްފަހު އާސިފަށް އޭނާގެ ބޭބެ، މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ވަނީ ވަޒީފާއެއް ދީ، އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް، މިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގައި މަނިކު ސޭޓުގެ އާއިލާ އުމްރާއަށް ދިޔަ ވަގުތު ބަލައި، އާސިފް ވަނީ އެ ގޭގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށް ނަގާފައެވެ.
ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، މި ވައްކަން ރާވައި އިސްކޮށް ހުރީ އާސިފެވެ. އޭނާ ވަނީ އިތުރު ބަޔަކާ ގުޅިގެން، އޭނާގެ އަމިއްލަ ބޭބެއަށް ބޮޑު ހިޔާނާތެއްވެފައެވެ.

މާޒީގެ ކުށްތައް: ނުރައްކާތެރި ސިފަތަކެއް
މިއީ އާސިފް މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް:
-
ބައްޕަ އަތުން 20 ރުފިޔާ ހޯދަން އުޅުމުގެ ތެރޭގައި އުފެދުނު ދެބަސްވުމެއްގައި ބޭބެގެ ބޮލަށް ވަޅިން ހަމަލާދީފައިވެއެވެ.
-
ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ.
ފުލުހުންގެ ފިޔަވަޅު
މިހާރު އާސިފާއި އޭނާއާ އެކު މި ވައްކަމުގައި ބައިވެރިވި އިތުރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޅ. ނައިފަރު މުހައްމަދު ނޫރު އަހުމަދާއި، ސ. މީދޫ މުހައްމަދު އަފްރާހް އަދި މ. އޭސިއާ އަހުމަދު ފާރިސްއެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ނިމި، ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި ހާދިސާއާއެކު، ސިޔާސީ ބޭނުމަށް ނުވަތަ އެ ނޫންވެސް ގޮތަކަށް ނުރައްކާތެރި ކުށްވެރިންނަށް މާފުދީ ދޫކޮށްލުމުގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުގެ ބަހުސް ވަނީ އަނެއްކާވެސް ގަދަވެފައެވެ.





