އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 14 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމައިފިއެވެ.
މި ބުރުގެ ވޯޓުލުން ކުރިއަށްދާނީ ފުރަތަމަ ބުރުގައި ކެންޑިޑޭޓުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާ ފަސް ދާއިރާއެއްގައެވެ. އީސީން ހާމަކުރި ގޮތުގައި، މި ދާއިރާތަކަށް ރަަށްރަށުގައި ބަހައްޓާ ފޮށިތަކުގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން 6 ވޯޓު ފޮށި ބަހައްޓާނެއެވެ.
ދެވަނަ ބުރު ބާއްވާ ދާއިރާތަކާއި ވޯޓު ފޮށިތައް:
-
ބ. ދޮންފަނު: ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި (ރަށުގައި 1 ފޮށި)
-
ފުވައްމުލައް ސިޓީ (ދަޑިމަގު ދާއިރާ): އަންހެނުންނަށް ޚާއްސަ ގޮނޑި (ރަށުގައި 2 ފޮށި)
-
ހއ. ކެލާ: ކޮމިޓީގެ ރައީސް (ރަށުގައި 2 ފޮށި)
-
ހދ. ނޭކުރެންދޫ: ކޮމިޓީ މެންބަރު (ރަށުގައި 1 ފޮށި)
-
ލ. މާވަށު: ކޮމިޓީ މެންބަރު (ރަށުގައި 2 ފޮށި)
މާލޭގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން ކެލާ އަދި ދޮންފަނުގެ ފޮށިތައް ހުންނާނީ ތާޖުއްދީން ސްކޫލުގައެވެ. ނޭކުރެންދޫ އަދި މާވަށުގެ ފޮށިތައް ހިރިޔާ ސްކޫލުގައި ބަހައްޓާއިރު، ފުވައްމުލަކު ދަޑިމަގު ދާއިރާގެ ފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ހަނދާންކޮށްދެއްވާ ގޮތުގައި، ފުރަތަމަ ބުރުގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މި ބުރުގައި ވޯޓުލާން ޖެހޭނީ ކުރިން ވެސް ރަޖިސްޓްރީވެފައިވާ ތަނަށެވެ. އަލުން ރީ-ރަޖިސްޓްރީ ނުކުރާ ނަމަ، މާލޭގައި ތިބި މީހުން ވޯޓުލާން ޖެހޭނީ މާލޭގައި އެ ދާއިރާއަކަށް ޚާއްސަކޮށްފައިވާ ފޮށްޓަށެވެ.





