ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކޮށް ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ގދ. އަތޮޅު މަދަރުސާގައި ހިނގި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 12 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:46 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އެ ސްކޫލުގައި މަސައްކަތްކުރާ ބޭރު ގައުމެއްގެ އަންހެން މުދައްރިސަކަށެވެ.
މި ހާދިސާގައި އަނިޔާވި މުދައްރިސަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގައްދޫ ހެލްތު ސެންޓަރުގައެވެ. ނަމަވެސް، ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާ ބޭނުންވާތީ، އޭނާ މިހާރު ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ކިޔަވައިދޭ މުދައްރިސަކަށް ދަރިވަރަކު ހަމަލާދިން މި ސީރިއަސް މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ވަރަށް ބޮޑަށް އިސްކަންދީގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ ދަރިވަރު ހަމަލާދިން ގޮތުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ސްކޫލެއްގެ ތެރޭގައި މުދައްރިސަކަށް ދަރިވަރަކު ހަމަލާދީފައި މިވަނީ، ދަރިވަރުންގެ އަހުލާގީ މައްސަލަތަކާ މެދު މުޖުތަމައުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.




