ލުބުނާނުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރޭގައި އެ ގައުމު ނުހިމަނައިފިނަމަ، އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުން މުޅިން ރޫޅިދާނެކަމުގެ އިންޒާރު ހިޒްބުالله އިން ދީފިއެވެ.
ހިޒްބުاللهގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ އިބްރާހީމް މޫސަވީ ވިދާޅުވީ، މި އެއްބަސްވުމުގައި ހިޒްބުالله އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ވެސް ހިމެނޭ ކަމަށެވެ.
އަދި އިސްރާއީލުން އެކަމަށް އިޖާބަ ނުދީފިނަމަ، އީރާނާއެކު މުޅި ސަރަހައްދުން އެކަމަށް ރައްދު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިޒްބުالله އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި އެ ގައުމަށް އަރައިގަނެގެން ހިންގާ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކައަށް ބާރުދޭ ނިންމުމެކެވެ. ނަތަންޔާހޫ ބުނެފައިވަނީ މި އެއްބަސްވުމުގެ ތެރޭގައި ލުބުނާނު ނުހިމެނޭ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ހަމަނުޖެހުންތައް ފެށުނީއްސުރެ އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، އީރާނާއި ލުބުނާނަކީ އެއް ފްރަންޓެއްގެ ގޮތުގައި ގުޅިފައިވާ ދެ ގައުމު ކަމަށާއި، ކޮންމެ އެއްބަސްވުމެއްގައި ވެސް ލުބުނާނުގެ މަސްލަހަތު ހިމަނަންޖެހޭނެ ކަމަށެވެ.
މި ސަބަބުތަކާ ހުރެ، ލުބުނާނުގެ މަސްރަހު މިވަގުތު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.




