ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށާ މައްޗަންގޮޅީގެ ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އުމުރުން 86 އަހަރުގައި ޕީޓްރަލް އަހުމަދު ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
އޭނާ ނިޔާވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޕީޓްރަލް އަޙުމަދަކީ، ހިތްހެޔޮ، ޚުލްޤު ރަނގަޅު ބޭފުޅެއް ކަމަށެވެ.
”ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަޚްޞިއްޔަތެއް. މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި. ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބޮޑެތި އެހީތަކެއް ވެދެއްވި.“ ރައީސް ވިދާޅުވިއެވެ.
އަޙްމަދު އާދަމް އަކީ މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮޓެލް ޕީޓްރަލް އުފެއްދެވި ފަރާތްތަކަމާއި ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ޚިދުމަތް ދެއްވިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.




