ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މިދިޔަ މާރިޗު މަހު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު 44 އިންސައްތަ އިތުރުވެފައިވާ ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ހާމަކުރި ގޮތުގައި މާރިޗު މަހު މަސްވެރިންނަށް ޖުމްލަ 29.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ފެބުރުއަރީ މަހު ދޫކުރި 20.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މަސްވެރިންނަށް ފައިސާ ދޫކުރުން މިހާރު ވަނީ އަވަސްކޮށް، މަސްކިރުވާތާ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
މިދިޔަ މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް 591 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ. މިއީ ފެބުރުއަރީ މަހާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ. ކިރުވި މަހުގެ ޖުމްލަ އަދަދަށް ބަލާއިރު، މާރިޗު މަހު 1,625 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ކަޅުބިލަމަހެވެ.
މާރިޗު މަހުގެ ތަފާސްހިސާބުތައް:
-
ކަޅުބިލަމަސް: 1,431 ޓަނު (26.8 މިލިއަން ރުފިޔާ)
-
ރީނދޫއުރަހަ ކަންނެލި: 381 ޓަނު (2.4 މިލިއަން ރުފިޔާ)
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ. މިގޮތުން މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ވެސް ދަނީ ހަމަޖައްސަމުންނެވެ.




