މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ޓެކްނޮލޮޖީ އަދި ދިފާއީ ދާއިރާއާ ގުޅުންހުރި 18 ކުންފުންޏަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އަދި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަގުތުން އެ ތަންތަން ދޫކޮށް ދިއުމަށް ވެސް ވަނީ އަންގާފައެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފައިވަނީ، އީރާނުގެ އިސް ކޮމާންޑަރުންނަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ މި ކުންފުނިތަކަށް ދޭ ހަމަލާތައް މާދަމާ ރޭގެ ވަގުތެއްގައި ވެސް ފަށާފާނެ ކަމަށެވެ.
އައި.އާރު.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި، އެ ލިސްޓުގައިވާ ކުންފުނިތަކުގެ މުވައްޒަފުންނާއި އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ވަގުތުން އެ ސަރަހައްދުތަކުން ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިތަކަކީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހިންގާ ހަރަކާތްތަކަށް އެހީތެރިވާ "ޓެރަރިސްޓް" އިދާރާތަކެކެވެ.
އީރާނުން ތުހުމަތުކުރާ ގޮތުގައި އެ ކުންފުނިތަކުގެ ޓެކްނޮލޮޖީ ބޭނުންކުރަނީ އަސްކަރީ ކަންކަމުގައެވެ.
އަދި އީރާނުގެ ލީޑަރޝިޕަށް އަމާޒުކޮށް ދެވޭ ކޮންމެ ހަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން، މުޅި ސަރަހައްދުގައި ހުރި އެފަދަ އިންފްރާސްޓްރަކްޗާތަކަށް ހަމަލާދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އައި.އާރު.ޖީ.ސީ އިން އަމާޒުކުރާނެ ކަމަށް ބުނެފައިވާ ކުންފުނިތަކުގެ ތެރޭގައި ސިސްކޯ، އެޗް.ޕީ، އިންޓެލް، އޮރަކަލް، މައިކްރޯސޮފްޓް، އެޕަލް، ގޫގުލް، މެޓާ، އައި.ބީ.އެމް، ޑެލް، އެންވީޑިއާ، ޓެސްލާ، ޖީ.އީ، ޖޭ.ޕީ މޯގަން އަދި ބޯއިންގް ފަދަ މަޝްހޫރު ކުންފުނިތައް ހިމެނެއެވެ.




