އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފަސްވަނަ ހަފުތާއަކަށް ދެމިގެންގޮސް، ހޮރުމޫޒު ކަނޑުއޮޅީގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
ހޯމަ ދުވަހުގެ ހެނދުނުގެ ވިޔަފާރި ފެށުނުއިރު، ދުނިޔޭގެ މިންގަނޑެއް ކަމަށް ބަލާ ބްރެންޓް ކްރޫޑްގެ އަގު ތިން އިންސައްތައަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 116 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ.
މިއީ ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މިއީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ރަމްޒުކޮށްދޭ ކަމެކެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ހެނދުނު ބްރެންޓް ކްރޫޑްގެ އަގު ތިން އިންސައްތައަށް ވުރެ މައްޗަށް ގޮސް 116 ޑޮލަރަށް އެރިއިރު، މިއީ މާރިޗު 19 ވަނަ ދުވަހު އަގު 119 ޑޮލަރަށް އެރުމަށްފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެ ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ހަކަތައިގެ ކްރައިސިސްއާ ދުނިޔެ ކުރިމަތިލަމުންދާއިރު، ތެލުގެ އަގު ދަނީ މެދުނުކެނޑި އުފުލެމުންނެވެ.
އެމެރިކާއިން އީރާނަށް އަރައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެއްގަމު މަގުން ދޭ ކޮންމެ ހަމަލާއަކަށް ފުރިހަމައަށް ރައްދުދޭން ތެހެރާން އޮތީ ތައްޔާރަށް ކަމަށް އީރާނުގެ މަޖިލީހުގެ ރައީސުން ވަނީ އިންޒާރު ދެއްވާފައެވެ.
ތެލުގެ އަގު މިއަދު 116 ޑޮލަރަށް އުފުލިގެން ދިޔަ އެންމެ މައިގަނޑު ސަބަބަކީ ހޮރުމޫޒު ކަނޑުއޮޅީގެ ނުތަނަވަސްކަމެވެ. ދުނިޔޭގައި އުފައްދާ ތެލުގެ ގާތްގަނޑަކަށް %20 އާއި، ގިނަ އަދަދެއްގެ ތިމާވެއްޓާ ރައްޓެހި ގޭސް (LNG) ކޮންމެ ދުވަހަކު އުފުލަނީ މި ހަނި ކަނޑުއޮޅީގެ ތެރެއިންނެވެ.
ނަމަވެސް، ތެޔޮ ޓޭންކަރުތަކަށާއި، ހަކަތަ އުފައްދާ ވަސީލަތްތަކަށާއި، އާންމު ދަތުރުފަތުރަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މި ސަރަހައްދުގެ ދަތުރުފަތުރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މީގެ ސަބަބުން ތެޔޮ އުފެއްދުން ހުއްޓުމަކަށް އައިސް، ކުރިން އެއްބަސްވެފައިވާ މިންވަރަށް ތެޔޮ ފޯރުކޮށްދިނުމަށް ހުރަސް އެޅި، ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ގޮސްފައިވެއެވެ.




