ދިވެހިރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތަދު ކަން ހައްލުކުރުމަށް ސަރުކާރާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ބޮޑު ކުރިއެރުމެއް ހޯދައިފި ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބޭންކުގެ 43 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ މާލީ ދުޅަހެޔޮކަން ވަޒަންކުރާ "ނެޓް އޯޕަން ޕޮޒިޝަން" (އެންއޯޕީ) ރަނގަޅުކުރުމަށްޓަކައި، ބޭންކުން އިންވެސްޓްކޮށްފައިވާ 192.8 މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާގެ ޓީ-ބިލްތައް މިހާރު ޔޫއެސް ޑޮލަރުގެ ޓީ-ބޮންޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިއީ ބޭންކުގައި ހުންނަ ބޭރު ފައިސާގެ މިލްކިއްޔާތާއި ދައްކަންޖެހޭ ފައިސާގެ ފަރަގު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، 2025 ވަނަ އަހަރު ނިމުނުއިރު ސަރުކާރުގެ ސެކިއުރިޓީޒްތަކަށް އިންވެސްޓްކޮށްފައިވާ 10.8 ބިލިއަން ރުފިޔާއަކީ މުޅިން އަލަށް އިންވެސްޓްކުރި ފައިސާ ނޫން ކަމަށާއި، އެއީ ކުރިންވެސް އިންވެސްޓްކޮށްފައިވާ ބިލްތައް ރޯލްއޯވާ ކުރުމުގެ ތެރެއިން ހިނގާފައިވާ މުއާމަލާތްތަކެއް ކަމަށެވެ. އަދި ބޭންކުގެ މި ނިންމުންތަކާއެކު ކަސްޓަމަރުންނަށް ޑޮލަރުގެ ހިދުމަތް ދިނުމުގެ ގާބިލްކަން އިތުރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރު ބީއެމްއެލްއިން ވަނީ ޖުމްލަ 672.5 މިލިއަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރި 104 މިލިއަން ޑޮލަރާއި، އާންމުންގެ ބޭނުންތަކަށް ކާޑުތަކަށް ދޫކުރި 390 މިލިއަން ޑޮލަރުގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިއްކި 98.5 މިލިއަން ޑޮލަރު ހިމެނެއެވެ.





