ޕާކިސްތާނުގެ ދިދަ ޖަހާފައިވާ 20 އުޅަނދެއް ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް އީރާނުން އެއްބަސްވެއްޖެއެވެ.
މިއީ މިފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހަކަތައިގެ ކްރައިސިސް ނުވަތަ ދަތިކަމުން އަރައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިސްލާމްއާބާދުން ވަނީ ސިފަކޮށްފައެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ދާރު ހޮނިހިރު ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު ދެ އުޅަނދު އެ ސަރަހައްދު ހުރަސްކުރާނެ ކަމަށެވެ.
އޭނާ ވަނީ އީރާނުގެ މި ނިންމުމަކީ "ސުލްހައިގެ އުުންމީދީ ނިޝާނެއް" ކަމަށް ސިފަކުރައްވައި، މިއީ ނުތަނަވަސްވެފައިވާ މި ސަރަހައްދަށް ހަމަޖެހުން ގެނައުމަށް އެޅުނު "ބިނާކުރުވަނިވި" ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އިސްހާގް ދާރުގެ މި ޕޯސްޓް ސީދާ އަމާޒުކުރައްވާފައިވަނީ އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް އަދި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އަށެވެ.
މިއީ ހަނގުރާމަ ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންދާ ޕާކިސްތާނުން، މި އެއްބަސްވުމަކީ ހަމައެކަނި ދެ ގައުމުގެ ދެމެދުގައި ވެވުނު އާދައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކަށްވުރެ މާ ފުޅާ އަދި މުހިންމު ނިންމުމެއްގެ ގޮތުގައި ދެކޭކަމުގެ ހެއްކެކެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކެއްގައި އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ފެށުނު ހަނގުރާމައަށްފަހު، އެ ކަނޑުއޮޅި ވަނީ ބަންދުވެފައެވެ. މި ހަނގުރާމައިގައި މިހާތަނަށް އީރާނުން ގާތްގަނޑަކަށް 2,000 މީހުން އަދި ލުބުނާނުން 1,100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.
މި ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް 2,000 އުޅަނދު އެ ކަނޑުއޮޅީގެ ދެފަރާތުގައި ތާށިވެފައިވާއިރު، ތެލުގެ އަގު ވަނީ 40 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.




