ގދ. ހޯޑެއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މިއަދު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާހުކޮށްދެއްވުމަށްފަހު، ނައިބު ރައީސް ވަނީ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، އެމްޓީސީސީ ގެ އިސް ބޭފުޅުންނާއި، މަޑަވެލީ ދާއިރާގެ މެމްބަރު މުޙައްމަދު ޝަމީޒް ބައިވެރިވެވަޑައިގެންނެވިއެވެ.
މަޝްރޫޢުގެ މުހިންމު ބައިތައް:
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހޯޑެއްދޫގައި ކުރުމަށް ރާވާފައިވާ މައިގަނޑު މަސައްކަތްތަކަކީ:
-
ތާރު އެޅުން: ރަށުގެ ބޮޑެތި މަގުތަކުގައި ޒަމާނީ ފެންވަރަށް ތާރު އެޅުން.
-
ފެންހިންދާ ނިޒާމު: ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމެއް ގާއިމުކުރުން.
-
މަގުބައްތި: ރޭގަނޑު މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި މަގުބައްތި ހަރުކުރުން.
އެމްޓީސީސީން ސިފަކުރި ގޮތުގައި މިއީ ހޯޑެއްދޫގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުންމީދު ކުރަމުން އައި، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއަށް ބޮޑު ބަދަލެއް ގެންނާނެ މުހިންމު މަޝްރޫޢެކެވެ.
ސަރުކާރުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ރަށްރަށުގެ މަގުތައް ތަރައްޤީކުރުމުގައި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދެވޭނެއެވެ. އެގޮތުން، ލޯކަލް ޓޫރިޒަމް ހިންގާ ބައެއް ރަށްރަށުގެ މަގުތަކުގައި ތާރުއެޅުމުގެ ބަދަލުގައި، ވެލި މަގުތައް ބާއްވައިގެން ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއްވެސް ސަރުކާރުން ގެންގުޅުއްވައެވެ.




