މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ޚަބަރުތަކާއި މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާތަކުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި، މީޑިއާތަކުން ޚަބަރު ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ.
ޚާއްޞަކޮށް، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ބޯލަނބައި، ޤައުމީ ސަލާމަތަށް އުނިކަން ނާންނާނެހެން މަޢުލޫމާތު ފެތުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެކި ފަރާތްތަކުގެ ބަސްދީގަތުންތައް ގެނެސްދިނުމުގައި، އޭގެ އަސްލު މަފްހޫމު ނުގެއްލޭނެހެން އިތުބާރު ހުރި ގޮތެއްގައި ގެނެސްދިނުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، އޮޅުވާލާފައިވާ ނުވަތަ ހަދައިލާފައިވާ ފޮޓޯއާއި، އޯޑިއޯ އަދި ވީޑިއޯ ބޭނުންކޮށްގެން ނަފްރަތު އުފެއްދުމަށް މަސައްކަތް ނުކުރުމަށް ބަޔާނުގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ކޮންމެ ނޫސްވެރިއަކުމެ ތެދު މަޢުލޫމާތު ފެތުރުމުގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ.
މެދުއިރުމަތީގެ ހާލަތާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަޤީޤަތާ ޚިލާފު ވާހަކަތަކާއި، ކަށަވަރުނުވާ މަސްދަރުތަކުން ލިބޭ މަޢުލޫމާތު ފަތުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.




