ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށުގެ ކައުންސިލްތަކަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން 54 ރަށުގައި ކައުންސިލް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އަދި ވަޒީރު ވިދާޅުވީ ބައެއް ރަށްރަށުގައި މިހާރު ހިޔާކުރުމާ ހިސާބަށް މަސައްކަތް ގެންދެވިފައިވާ ކަމަށާއި، މަސައްކަތް ނުފެށި އޮތް ރަށުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި ގޮނޑި އަދި ކައުންޓަރުތަކާއެކުގައި ކަމަށާއި، މިއީ ޓާރންކީ ޕްރޮޖެކްޓެއް ކަމަށެވެ.
އަދި އަލަށް ޢިމާރާތްކުރާ މި ކައުންސިލް އިދާރާތަކަކީ ޖާގަ ތަނަވަސްކޮށް، ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައިވާ ޢިމާރާތްތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.




