އއ. ހިމަންދޫ އަދި ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މައްސަލައާ ގުޅިގެން މާރިޗު 22 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ބީޗްހައުސް، އިބްރާހީމް އަޝްރަފް (41އ) އާއި މުހައްމަދު މައިނުއްދީން، ބަންގްލަދޭޝް (35އ) އެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން އިބްރާހީމް އަޝްރަފް ހައްޔަރުކޮށްފައިވަނީ ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށާއި، މީދޫ މަގުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން މުހައްމަދު މައިނުއްދީން ހައްޔަރުކޮށްފައިވަނީ އދ. ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށާއި، ހިމަންދޫ ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މުހައްމަދު މައިނުއްދީން ހަތްދުވަހަށް އަދި އިބްރާހީމް އަޝްރަފް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




