އިރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، އިންޑޮނޭޝިޔާގެ ބަޖެޓުން 4.7 ބިލިއަން ޑޮލަރު (80 ޓްރިލިއަން ފަރުގަދަ) ސަލާމަތްކުރުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާކަމަށް އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.
ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އެ އެޖެންސީން ބުނެފައިވާ ގޮތުގައި، ދެކުނު އިރުމަތީ އޭޝިޔާގެ އެންމެ ބޮޑު އިގްތިސާދު އޮތް އިންޑޮނޭޝިޔާއިން ދަނީ ތެލަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ހަފުތާއަކު އެއްދުވަހު ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުމަށްވެސް ވިސްނަމުންނެވެ.
އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތަ، ހާއްސަކޮށް އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކޮށްގެން ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.
އިންޑޮނޭޝިޔާގެ 284 މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުގެ 30 އާއި 40 އިންސައްތައާ ދެމެދުގެ މިންވަރެއް ސަރުކާރުން ސަބްސިޑީގެ ގޮތުގައި ހޭދަކުރެއެވެ.
މިއީ އެ ގައުމުގެ ޖުމްލަ ބަޖެޓުގެ ގާތްގަނޑަކަށް 15 އިންސައްތައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އަވަށްޓެރި އެހެން ގައުމުތަކާ ހިލާފަށް އިންޑޮނޭޝިޔާގައި ތެޔޮ ހޯދުމަށް ކިއޫ ހަދަންޖެހުމުގެ މައްސަލަ އަދި ކުރިމަތިވެފައެއް ނުވެއެވެ.




