ހަކުރުން ދޭ ސަބްސިޑީ ކަނޑާލުމަށާއި، ގިނަ ދިވެހީންގެ ތެރޭގައި މަގުބޫލު ޝީޝާ މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޝީޝާއާއި ހަކުރު އެކުލެވޭ ބުއިންތަކާ ގުޅޭ މަޝްވަރާތައް ސަރުކާރުން އެކި ފަންތީގައި ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ސިޔާސަތު އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގައި އިތުރު ކަންކަން "ބޭން" ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.
"އެއީ ވަރަށް މަލްޓިސެކްޓޯރަލްކޮށް ނަގަން ޖެހޭ ޑިޒިޝަންއެއް، މަލްޓިސެކްޓޯރަލް ލެވެލްގައި މަޝްވަރާކުރެވި، އެއަށް ފިޔަވަޅު އެޅޭނެ ދުވަހެއް އެއީ އަޅުގަނޑުމެން އިންތިޒާރު ކުރާ ދުވަހެއް ހެލްތު ސެކްޓާއިން، ނަމަވެސް މީގެ އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ހޭލުންތެރިކަން،" ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ހުރި ބައެއް އާދަތައް މަނާކުރުމަކީ ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަންކަމާ ގުޅޭ ގޮތުން ސިއްހީ ގޮތުން މީހުން ހޭލުންތެރިކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ. އެއާއެކު، ސިއްހަތަށް ފައިދާހުރި ކާބޯތަކެތި ކަމަށްވާ މޭވާއާއި ތަރުކާރީ އުފެއްދޭނެ ގޮތާއި އަގުހެޔޮކޮށް އެ ތަކެތި ލިބޭނެ ގޮތް ހެދުމަކީ މި ސަރުކާރުން ތަންފީޒުކުރާނެ ސިޔާސަތުކަމަށްވެސް ރައީސް ވިދާޅުވި އެވެ.




