މިހާރު އުވާލާފައިވާ، ދިވެހި ރައްޔިތުންގެ ޕާޓީ- ޑީއާރުޕީގެ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު – ކާނަލް ނަޝީދު ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކަށް 4.04 މިލިއަން ރުފިޔާ އެ ޕާޓީން ދައްކަންޖެހެ އެވެ.
ޑީއާރުޕީން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ޖޫރިމަނާ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އޮތްނަމަވެސް، ހައިކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނި ކުރުމަށްފަހު، ހިދުމަތުގެ އަގު އެކަނި ނަގައިދޭށެވެ. އެ ހުކުމް ސުޕްރީމް ކޯޓާ ހިސާބަށްވެސް ދިޔައެވެ. އެކަމަކު އެ މައްސަލަ ޝަރުއީ މަރުހަލާގައި އޮއްވާ، ޑީއާރުޕީވަނީ އުވާލާފައެވެ. އެއީ ސިޔާސީ ޕާޓީއެއްގެ ޝަރުތުތައް ފުރިހަމަ ނުވާތީއެވެ.
އެ ފައިސާ ހޯދުމަށް އާމިރު ވަނީ ސިވިލް ކޯޓާއި ހައިކޯޓްގެ އިތުރުން ސްޕްރީމް ކޯޓުގައިވެސް އެ މައްސަލަ ހުށައަޅާފައެވެ. މި މިއްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ޖޫރިމަނާއަށް ކަމަށް ބުނެ ހޯދަން ހުށައެޅޫ ބައި އުނިކުރުމަށްފަހުއެވެ.
ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒުކުރުމަށް އެ މައްސަލަ ސިވިލްކޯޓުގައި ހިނގަމުން ދަނިކޮށް މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރުޕީ އުވާލާފައެވެ. އެހެންނަމަވެސް އެޕާޓީގެ ދަރަނިތަކާއި ޒިންމާވާންޖެހޭނީ ޖެހޭނީ އެ ޕާޓީ އުވާލިިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. ޑީއާރްޕީ އުވާލިއިރު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މުހައްމަދު ނަޝީދެވެ.
ނަޝީދު ގައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އާމިރުގެ ހިންގި ޕްރޮޑަކްޝަން ކުންފުނިތަކަކުން ޑީއާރުޕީއަށް ދިން ހިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށެވެ. އެހެންކަމުން އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށް ނަޝީދުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




