މޫސުމީ ބަދަލުތަކަށް އަހުލުވެރިކުރުވުމަށާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ "އެންހޭންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީ.ސީ.އާރް.އެފް.އެސް) މަޝްރޫއުގެ ދަށުން ހިންގާ "ވިލުންވެށި ސްކޫލް ގާޑަން" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މި އިއްޔެ މީރުމާގައި ބޭއްވި ހާއްސަ އޮރިއެންޓޭޝަން ވޯކްޝޮޕެއްގައެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. ވޯކްޝޮޕް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިބްރާހީމް މިމްރާހެވެ.
ސްޓޭޓް މިނިސްޓަރ މިމްރާހުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސްކޫލްތަކުގައި ދަނޑުވެރިކަމުގެ ތަފާތު ގޮތްތައް ތައާރަފްކޮށް، ދަރިވަރުންގެ މެދުގައި ދުޅަހެޔޮ ކާނާއަށް ލޯބިޖެއްސުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ސުޕްރިންޓެންޑެންޓް އިސްމާއީލް ސައުދުﷲ ވިދާޅުވީ، ކްލާސްރޫމްގައި އުނގަންނައިދޭ މިފަދަ ފިލާވަޅުތަކުގެ ބޭނުން ދަރިވަރުން އަމަލީ މައިދާނުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެއްޓަށް ލޯބިކުރާ، ޒިންމާދާރު އަދި ދުޅަހެޔޮ އާދަތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުގެ ތިން ސްކޫލެއް ކަމަށްވާ ޣާޒީ ސްކޫލް، ހިރިޔާ ސްކޫލް އަދި މުޙްޔިއްދީން ސްކޫލެވެ. މި ވޯކްޝޮޕްގައި ސްކޫލްތަކާއި ކަމާގުޅޭ އިދާރާތަކުން ޖުމްލަ 50 ބައިވެރިން ބައިވެރިވެފައިވެއެވެ.
އީ.ސީ.އާރް.އެފް.އެސް މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑާއި، ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް، އޯޝަން ރެސިލިއަންސް ކޯސްޓަލް އެޑަޕްޓޭޝަން ޓްރަސްޓް ފަންޑް އަދި ދިވެހި ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ރަށްތަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




