މާލެ ސަރަޙައްދުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. 2 ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު މިއާއިއެކު ބިން ހިއްކުން އިތުރަށް އަވަސްވެގެން ދާނެއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަ މަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.
މިދިޔަ މަހުގެ 22ވަނަ ދުވަހު އާންމުކޮށްފައިވާ ގިރާވަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހިން ހިއްކާފައިވަނީ، 12 ހެކްޓަރުގެ ބިމެވެ. އަދި އެއަށްފަހު ދެވަނަ ފިޔަވަހިން 18 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު 3 ވަނަ ފިޔަވަހީގެ ދަށުން 26 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.
ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް:
• 1250 އަކަފޫޓުގެ 2605 ގޯތި
• 1650 އަކަފޫޓުގެ 1213 ގޯތި
• 2050 އަކަފޫޓުގެ 253 ގޯތި
• 2450 އަކަފޫޓުގެ 1 ގޯތި
ނިމުނު ސަރުކާރުގައި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ، އެތަނުގެ އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް ހެދުމެއް ނެތިއެވެ. އެގޮތުން އެތަނުގައި އާބާދުވާނެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ޖާގަ އެކަށީގެންވާ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ. ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށް އިތުރު 113 ހެކްޓަރު އިތުރު ކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މި ސަރުކާރުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




