1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދުބެލުން އޮންނާނީ މި ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި، އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ކަމަށެވެ. އަދި މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.
ޑީޖޭއޭ އިން ބުނީ ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށެވެ.
މީގެ އިތުރުން ޑީޖޭއޭ އިން ބުނީ ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 1447 ޝަޢުބާން 29 (2026 ފެބުރުވަރީ 17) ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
ވީމާ، މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުމަށް ޑީޖޭއޭ އިން ވަނީ އެދިފައެވެ.
ހެކިބަސް ދިނުމަށްޓަކައި އައުމާއި ދިއުމުގެ ޚަރަދު ދޭނެކަމަށްވެސް ޑީޖޭއޭއިން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


