ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުއްޓާ މާލޭގެ ގެއަަކަށް ގެނެސް ރައްކާކުރި 2 މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެތަކެތި ބަހައްޓާަފައިހުރި ގުދަނުގެ ވެރިފަރާތުން މިދިޔަ 31 ޑިސެމްބަރުގައި ކަމަށެވެ. އެ ތަކެތި ފަހުން ފެނިފައިވަނީ، މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ހުއްޓާ ކަމަށާއި ތުހުމަތުކުރެވެނީ، 29 ޑިސެމްބަރު ވަނަ ދުވަހު، ގުދަނުގެ ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި ނަގާފައިވާ ކަމަށް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހު، އެ ލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނެ އެވެ. މި ވިޔަފާރި ކުރީ 'ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު'ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.
މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު، މައްސަލަ ހުށަހެޅި މީހާ އާއި އެ ތަކެތި ނެގި ކަމަށް ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރުމުން، ދެ މީހުން ވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވާތީ އާއި އޭގެތެރޭގައި ހުރި ބައެއް ލަނޑާ މިހާރު ހަލާކުވެފައިވާތީ އެކަތި ނީލަމުގައި ވިއްކާލަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ނީލަމުގައި ވިއްކާލުމަށް ލަފާ ދީފައިވަނީ ޕީޖީ އޮފީހުންނެވެ. ޕީޖީން ލަފާދީފައިވަނީ، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތު ގަވާއިދު'ގެ ދަށުން ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭ ނަމަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި މިލްކުވެރިކަމާ މެދު ހިލާފު އުފެދި، ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.
"އެހެންކަމުން، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ ލަފާދެއްވާފަ އެވެ. މިގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެކަމަށް ޕީޖީ އޮފީހުން ވަނީ ލަފާދެއްވާފަ އެވެ،" ފުލުހުން ބުންޏެވެ.
މި ތަކެތި ގެއެއްގައި ރައްކާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ލަނޑާތައް ހޯދުމަށް މިދިޔަ މަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.
ނަމަވެސް، ކޯޓުން ނިންމާފައިވަނީ، ފުލުހުން އެ މައްސަލާގައި ކުރަމުންދާ ތަހުގީގު ނިމެންދެން ނުވަތަ ކޯޓުން އެ މައްސަލާގައި ވަކި ގޮތެއް އަންގަންދެން އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


