ޕާކިސްތާނުގައި ބޭއްވި 9ވަނަ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ރަން މެޑެލި ހާސިލުކޮށްފިއެވެ.
ފެބުރުވަރީ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވިއެވެ.
މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ.
ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ.
މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާއިން މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްގީކުރުމަށް ދެއްވާ ހާއްސަ ސަމާލުކަމާއި، ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އެމްއެންޑީއެފްއިން ބުނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


