ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ނިންމައި އެކަން އިއުލާނު ކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ އިމުގެ ބައެއްކަން، ތާރީޚީ ގިނަ ލިޔެލިޔުންތަކުން ފެންނަން އޮތްކަމަށެވެ.
ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމު އިއުތިރާޒުކޮށް އެކަމަށް ދިވެހި ދަޢުލަތުން ދެކޮޅު ހަދާކަން 18 ޖެނަވަރީ 2026ގައި އިނގިރޭސިވިލާތަށް ލިޔުމުން ހުށައަޅާފަވާނެކަމަށެވެ. އަދި މިދިޔަ އަހަރު ޑިސެންބަރު ގައި އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ދަ ރައިޓް އޮނަރަބަލް ޑޭވިޑް ލެމީއާއެކު އޮތް ފޯނު ކޯލުގައިވެސް، މި މައްސަލަ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އަނބުރާ ހޯދުމަށް 19 ނޮވެންބަރު 2023ގައި ބަންޑާރަ ނައިބަށް އަންގާފަވާކަމަށެވެ. އެ މަސައްކަތަށް 3 މެންބަރުންގެ ވިލަރެސް ކޮމިޓީއެއް އެކުލަވާލާ، އެ ކޮމިޓީގެ ރިޕޯޓް 22 ޖަނަވަރީ 2026ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައިވާކަމަށެވެ. ކޮމިޓީއިން ހުށައެޅީ ކަންކަން ހިމެނޭހެން ކެބިނެޓް ކަރުދާހެއް އެކުލަވާލާ 25 ޖަނަވަރީ 2026ގައި ހުށައަޅާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރިޕޯޓާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކެބިނެޓުން ނިންމާ، ޤާނޫނީ މާހިރުންގެ ލަފަޔާއެކު، ދިވެހި ރާއްޖެއިން އީއީޒެޑްއިން ދޫކޮށްލި ބައި ހޯދުމަށް ޤަނޫނީގޮތުން ކުރަންޖެހޭ ކަންކަން ފަށާފަވާކަމަށް ރައީސް ވިދާޅުވިއެވެ.
"22 އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، ރައްޔިތުންގެ ޙައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިޢުލާނުކުރަން. މީގެއިތުރުން ކަނޑުގެ ސަރަހައްދުގެ ޤާނުނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކާ ހަވާލާދީ، ރާއްޖޭގެ އެސްސީޒެޑްއަކީ ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭގޮތަށް ޤާނުނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަޙައްދުކަމަށް ނިންމާ މަޖިލިސް މެންބަރުގެ ހާޒިރުގައި އެކަން އިއުލާނުކުރަން." ރައީސް ވުދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


