ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ 5.5 ބިލިއަން ރުފިޔާއަށް އަރައި، ރެކޯޑް އަދަދެއްގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ބެންކުން މިއަދު ބުނެފިއެވެ.
މިދިޔަ އަހަރު ބީއެމްއެލްއަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10 އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައިކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 76.2 ޕަސެންޓުގެ ކުރިއެރުމެކެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް 10 ބިލިޔަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެއެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.
މި ހަރުދަނާ މާލީ ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ހަތަރުވަނަ ކުއާޓަރގެ ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ އިސްތިރާޖީ އަމާޒަށް ވާސިލްވެފައިވާކަން އަދި ބޭންކުގެ މުވައްޒަފުންނަށް ދޭ އަހުމިއްޔަތުކަންކަމުގައެވެ.
ނިމުނު ހަތަރު ވަނަ ކުއާޓަރުގެ ނަތީޖާއިން އިސްތިރާޖީ އަމާޒަށް ވާސިލްވެފައިވާ ކަމާއި މުވައްޒަފުންނަށް ދޭ އަހުމިއްޔަތުކަން ހާމަވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުން ހޯދި ކުރިއެރުމާއި ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން، ބޭންކުގެ މާލީ ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، ވަކިވަކި ފަރުދުންނާއި ވިޔަފާރިތައް ހިމެނޭހެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން ދެމިތިބޭނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


