އޮސްޓްރޭލިއާ އަކީ ރާއްޖޭގެ ޤައުމީ ތަރައްޤީގައި އެހީތެރިވެދެމުންދާ އިތުބާރު ހުރި މުހިންމު ބައިވެރިއެއް ކަމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޕެނީ ވޮންގް އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު ޕެނީ ވޮންގްއަށާއި އޮސްޓްރޭލިއާގެ ރައްޔިތުންނަށް، އޮސްޓްރޭލިއާ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާ އާދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުމާއި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި އެހީތެރިވެދެމުންދާ އިތުބާރު ހުރި މުހިއްމު ބައިވެރިއެއްގެ ގޮތުގައި އޮސްޓްރޭލިއާ ވާކަން ވަޒަންކުރައްވައި، މީގެ ތެރޭގައި ތަޢުލީމާއި، ކަނޑުގެ ސަލާމަތާއި، ތިމާވެށީގެ ދެމެހެއްޓެނިވި ދާއިރާތައް ހިމެނޭކަންވެސް ފާހަގަކުރައްވައިފައެވެ.
ވަޒީރުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ ދެ ޤައުމުގެ ރައްޔިތުންގެ ދެމެދު އޮންނަ ގުޅުމަކީ ދެޤައުމުގެ ގުޅުންތަކުގެ ބިންގާއެއްގެ ގޮތުގައި ދެމި އޮތުމުގެ ހެއްކެއް ކަމަށެވެ. މިގޮތުން ތަޢުލީމާއި ހުނަރު ބިނާކުރުމުގެ ފުރުޞަތުތަކުގެ ތެރެއިން ދިވެހިން ބާރުވެރިކޮށްދީ، ދިވެހިރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި އޮސްޓްރޭލިއާ އެވޯޑްސް ޕްރޮގްރާމްގެ ތެރެއިން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ވަކީން ޚާއްޞަކޮށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.
" އަޅުގަނޑުމެންގެ ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ ޙިއްޞާކުރެވިފައިވާ އަޚްލާޤާއި، ދެޤައުމުގެ ކުރިއެރުމަށްދެވޭ އަހައްމިއްޔަތުކަމުގެ މައްޗަށް. މުސްތަޤްބަލަށް ބަލާއިރު، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުގައި އެއްބާރުލުން ދިނުމާއި، ރައްޔިތުންގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކަމަނާއަށް ދުޅަހެޔޮ ސިއްޙަތާއި އޮސްޓްރޭލިއާގެ ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެން. އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


