ހުޅުމާލެ ފޭސް3ގެ ބިން ހިއްކާ ނިމިފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއްޔެ އިއުލާނުކުރައްވައިފި އެވެ.
މިމަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުންވަނީ ބޮޑު ޑްރެޖަރެއްވެސް ގެނެސްފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅުތެރެ ހިއްކުމަށް ނިންމާ އެމަސައްކަތް ފެށީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. 3 މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢުގެ ދަށުން ފުރަތަމަ ދެ މަރުޙަލާގެ ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއެވެ.
އެކި ސަބަބުތަކާއެކު މިމަޝްރޫޢުގެ މަސައްކަތް މަޑުޖެހެމުން ދިޔުމުގެ ސަބަބުން ސަރުކާރުންވަނީ، މަސައްކަތް އަވަސް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ޙަވާލުކޮށްފައެވެ. އަލުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އިތުރަށް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފެށީ، ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އެމްއޭސީއެލްއިން ވަނީ، 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު ޑްރެޖަރެއް ކަމަށްވާ، ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުން ކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަކަށް ގާތްގަނޑަކަށް 2 މަހެއްހާ ދުވަހުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިންމާލާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


