އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި ފަސް މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ފުލުހުން ބުނި ގޮތުގައި އައްޑޫގައި ޑްރަގް ވިޔަފާރީ ހިންގާ ބޮޑުންކަމަށް ތުހުމަތުކޮށް ފަސް މީހަކު ހައްޔަރުކުރިއެވެ.
އެ މީހުންނަކީ:
- އަލީ ނަދީމް (މައިލޯ ނަދަމާ)، ސ. ހިތަދޫ، ކޮންމުލި
- ހާފިޒު ފައުޒީ، ސ. ހިތަދޫ، ފަލާހް
- އިބްރާހިމް ސިރާޖު. ސ. ހިތަދޫ، ވެޔޮފެހެބުރުގެ
- ހަސަން އަލްފާފް. ސ. ހިތަދޫ، ދޮރުފޮތިމާގެ
- އަމީން މުޙައްމަދު، ސ. ހިތަދޫ، ކެކުރިމާގެ
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނަދީމާއި ހާފިޒް އަދި ސިރާޖުގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އަލްފާފާއި އަމީންގެ ބަންދު މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 24 ގައި ކޯޓަށް ހާޒިރުކުުރުމުން ބަންދަށް އިތުރު 30 ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭގެ ތެރެއިން، ނަދީމްގެ ބަންދަށް ކުރިން އިތުރުކުރި 30 ދުވަހުގެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
މި ނެޓްވޯކްގެ އިސް މީހުންނަށް އަމާޒުކޮށް، މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފެށީ، މިދިޔަ މާރިޗު މަހުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނީ، މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށާއި މިދިޔަ ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


