ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހަތަރު މީހެއްގެ ހުކުމް ހައި ކޯޓުން ބާތިލުކުރުމުން މިއަދު މިނިވަންވި، އިސްމާއިލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއިލް، އެ މައްސަލަ އަލުން ބަލައި ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ޔާމީން މަރުގެ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއިރު، ކުށް ސާބިތުވީ، ހައިޝަމް އަދި ޒީހާންގެ މައްޗަށް އެކަންޏެވެ. އެ ހުކުމް ބާތިލުކޮށްދިނުމަށް އެދި އެމީހުންގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން، މިއަދު ހައި ކޯޓުން ވަނީ، ކުށް ސާބިތުވާކަމަށް ކުރި ހުކުމް ބާތިލުކޮށް، މައްސަަލަ އަލުން ބަލަން އަންގާފަ އެވެ.
ހައި ކޯޓުގެ މި ނިންމުމާއެކު، އެ މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މި ދެ މީހުން މިނިވަންވާތީ، އަލުން މައްސަލަ ބަލައި ނިމެންދެން ބަންދުގައި ބައިތިއްބައި ދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ކްރިމިނަލް ކޯޓުގައި އެދިފައިވެ އެެވެ. އެ ހުށަހެޅުމާއެކު ކްރިމިނަލް ކޯޓުން ވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުދީފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


