ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ކުރީގެ ޑައިރެކްޓަރ އަބްދުލްފައްތާހު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުއްޖެއެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްގައްޔޫމް ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
އުމުރުން 54 އަހަރުގެ ފައްތާހު އެންމެ ފަހުން ޑައިރެކްޓް ކުރީ 2017 ވަނަ އަހަރު ނެރުނު "ހައްދު" ފިލްމު އެވެ.
ފައްތާހް އޭގެ ފަހުން ރަށަށް ބަދަލުވެ އޭނާ ގެންދިޔައީ ކެލާގައި އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން ގައުމީ ހިދުމަތުގެ އިނާމު ހާސިލުކޮށްފައިވާ ފަންނުވެރިއެއް ކަމަށްވާ ފައްތާހު ނިޔާވުމުގެ ހިތާމައިގާ، އެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
ފައްތާހު ނިޔާވި އިރު، އޭނާ އައީ އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އޭނާއަށް ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓު ވެސް ލިބިފަ އެވެ.
ފައްތާހު ފޭސްބުކްގައި ކުރިން ކުރި ޕޯސްޓެއްގައި ބުނީ ކެލާ ކައުންސިލް ރައީސް ކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


