މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ށ. އަތޮޅުން ދެމީހަކު ހައްޔަރުުކޮށްފިއެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ށ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެެ.
ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ނ. މާފަރު / ކެނދިވަރު، އަޙްމަދު ޝިހާމް (40އ) ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
އޭގެ އިތުރުން ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ފުނަދޫ މަގުމަތިން ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ / އެންދެރިމާގެ، މުޙައްމަދު ބަޝީރު (27އ)ކަމަށް ފުލުހުން ބުނެއެވެ.
އޭނާ ސައިކަލު ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރަމުން ދަނިކޮށް ފެނިގެން ސައިކަލު މަޑުކުރަން ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް މަޑު ނުކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވަމުން ދަނިކޮށް އޭނާގެ އަތުގައި އޮތް މޯބައިލް ފޯނު ވެއްޓިފައިވެއެވެ. އެ ފޯނާއި ފޯނު ވެއްޓުނު ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

