ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުރި ޑރ. ސަނީ އުމަރާ ގުޅޭ ތަހުގީގަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ.
ސަނީ އުމަރު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުންކުރި އަމުރު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނީ، މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބޭ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާ ކަމަށެވެ.
ސަނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަންހެނުންގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެއްގައި ކަމަށް ސޯޝަލްމީޑިއާގައި އާންމު އެކި ފަރާތްތަކުން ބުނެފައިވެ އެވެ.
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ އުމަރު ހައްޔަރުކުރީ ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓަ އެވެ.
ފުލުހުން ކުރިން ބުނީ، އޭގެ ފަހުން ސަނީ ދޫކޮށްލުމަށްފަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކުރީ ކަމަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް އާއިލާއިން ރިޕޯޓްކުރި ކަމަށް ފުލުހުން ބުނި ނަމަވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ސަނީ އުމަރު ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


