އާދަޔާ ހިލާފަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި މިއަދު ވައި ނުސާފުވެ، ސަމާލުވުމަށް އެދި ރެޑް އެލާޓް ނެރެފިއެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން މާޗް މަހާ ހަމައަށް ރާއްޖޭ ސަރަހައްދަށް ވައި ނުސާފުވެ އެވެ. ވައި ނުސާފުވާން މެދުވެރިވާ އެންމެ މައިގަނޑު އެއް ސަބަބަކީ އަވައްޓެރި އިންޑިއާއިން އަންނަ ދުމާއި ހިރަފުހެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 170 ގަ އެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ.
މި ދަރަޖައަށް ވައި ނުސާފުވުމަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށް އަދި ލޭގެ ތެރެއަށް ވެސް އެތެރެވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.
މި ހާލަތުގައި ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށާއި ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
އެޗްޕީއޭއިން ވަނީ، ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލަން އިލްތިމާސްކޮށްފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




