65 އަހަރުން 75 އަހަރާއި ހަމައަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ގާނޫނީ އިމުގެ ތެރެއިން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ގޮތުން ރީ އެމްޕްލޯއިމަންޓް ބިލުގެ ނަމުގައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ބިލެއް ހުށައަޅުއްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި މިރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އޮފީސްތަކުގައި ހެދުން އެޅުމުގެ މިންގަނޑަށް ގެނެވިފައިވާ ބަދަލުތައްވެސް މިރޭ ހިއްސާކުރައްވާފައެވެ. އެގޮތުން ހެދުންއެޅުމުގެ މިންގަނޑު، ކުރިން ސިވިލް ސަރވިސްގައި ކަނޑައަޅާފައި އޮތްގޮތަށް ބަދަލުކުރެއްވުމަށް ނިންމަވައި، އެކަން އެގޮތަށް ބަދަލުކުރެއްވުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ތެރެއިން ކަމާބެހޭ އިދާރާގައި ދަންނަވާފައިވާނެކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލްތަކުގައި ދަރިވަރުން ފޯނު ބޭނުންކުރުމުގެ ކަންބޮޑުވުން ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަން ޙައްލުކުރެއްވުމަށްޓަކައި، އަންނަ ދިރާސީ އަހަރުން ފެށިގެން ސްކޫލްގައި ކިޔަވައިދޭ ގަޑީގައި ދަރިވަރުންނަށް ފޯނު ބޭނުން ނުކުރެވޭނެހެން، އެކަން ތަޢުލީމީ ވުޒާރާއިން ބައްލަވާނެކަން ހާމަކުރައްވައި އެކަމުގައި ޢަމަލުކުރައްވާނެ ގޮތުގެ ބައެއް ތަފުސީލުތައް އެމަނިކުފާނު ހާމަކޮށްދެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




